٢٠١٠-١١-٠١

އަޅުގަނޑުމެންގެ ސައިޓަށް ޒިޔާރަތް ކުރައްވާ


01 ނޮވެމްބަރ 2010 ކުން ފެށިގެން އަޅުގަނޑުމެންގެ ބްލޮގުގެ މަސައްކަތް ހުއްޓާލުމަށްފަހު ކިޔުންތެރިންނަށް ފަސޭޙަކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ސައިޓް ކުރިއަށް ގެންދަން މިވަނީ ފެށިފައެވެ. ވީމާ، މިއަދުން ފެށިގެން އަޅުގަނޑުމެންގެ ލިޔުންތައް ބައްލަވާ ލެއްވުމަށް ޒިޔާރަތް ކުރައްވާނީ www.holhuashi.info އަށެވެ. އަޅުގަނޑުމެންގެ ސައިޓް ރަސްމީ ގޮތުން ލޯންޗުކުރުން ވީހާވެސް އަވަހަކަށް ބޭއްވޭތޯ މިދަނީ ބަލަމުންނެވެ. މި ފުރުޞަތުގައި ހޮޅުއަށި.ޓީކޭ އަށް ތިޔަ ދެއްވި ތަރުޙީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
އިތުރުތަފްޞީލް »

٢٠١٠-١٠-٢٩

ތިބާ އެހެން މީހުންނަށް " ފަރުދާ " ވިޔަސް ﷲ ތިބާއަށް ބައްލަވާ ވޮޑިގެންވެއެވެ.

" ފަރުދާ " ވެގެން އުޅެމުންދާ ޒުވާނާއެވެ. ބުނަންހެއްޔެވެ ؟ ތި ޒުވާނާ އަށް ތި ލިޔެވޭ ނުވަތަ ތި ފައުޅު ކުރެވޭ ނުވަތަ ޝާއިރު ކުރެވޭ ލިޔުން ތަކަކީ އަހަރެމެން މުސްލިމުންނަށް ވާހިދު ހިތާމަ ކުރާފަދަ ލިޔުންތަކެކެވެ. އިސްލާމްދީނަށް ހަޖޫ ޖަހަމުން ތިދަނީ ކޮންފަދަ ޢިބާރާތްތަކަކުން ހެއްޔެވެ ؟ ލައްބައެވެ. އަހަރެމެންނަކަށް ކުރެވޭނެ މާ ބޮޑުކަމެއް ތިބާ ތި އުޅުން އުޅުނަކަށް ނޯންނާނެއެވެ. އެހެންނަމަވެސް ހަނދުމަ ކޮށްދިނުމަކީ އަހަރެމެން ކޮންމެ މުސްލިމެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއަކަށް ވާތީވެ ހަނދުމަކުން ކޮށްދިނުމަކުން ހަނދުމަކޮށްދެމެވެ.

" ފަރުދާ " ވެގެން އުޅެމުންދާ ޒުވާނާއެވެ. ފޭސްބުކްގަ އާއި ، ބްލޮގުތަކުގައި ތިބާ ޖަހަމުން ތިދާ ލިޔުންތައް ޖަހަމުން ދާއިރު، އެހެންމީހަކު ކައިރީގައި ނެތަކަސް ހަތްވަނަ އުޑުގެ މަތީގައި ވާ ޢަރުށި ކޮޅުގައި އިސްތަވާވެ ވޮޑިގެންވާ ކަލަކު ވާކަން ހަނދުމަ ކުރާށެވެ. އެކަލާނގެ އަކީ މުޅި ކާއިނާތުގައިވާ ހުރިހާކަމެއް ބައްލަވާ ވޮޑިގަންނަވާ އިލާހެވެ. އެކަލާނގެ އިރާދަ ފުޅާ ނުލާ ކަޅު ހިނި އިންނަ ތަނުންވެސް ހިރި ނުލާނެއެވެ. ދެން ތި " ފަރުދާ " ވެގެން އުޅޭ ޒުވާނާއަށް އެކަލާނގެ ބައްލަވާ ވޮޑިގެންވާނީ ފަހެ ކޮންފަދަ އަކުންތޯއެވެ ؟ އެއީ އެކަލާނގެއަށް މާ އުނދަގޫ ކަމަށް ވެގެން ނުވެއެވެ.

ﷲ ތަޢާލާ ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވާލެއްވި އާޔަތްތައް ހިމެނޭ ސޫރަތްކަމަށްވާ " ޢަލަޤު " ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ވެއެވެ. " ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟ "

" ފަރުދާ " ވެގެން އުޅޭ ޒުވާނާއެވެ. " ފަރުދާ " ވެގެން ހުރެ ތިބާއަށް ކޮންމެ ފަދަ އެއްޗެތި ތަކެއްވެސް ކިއިދާނެއެވެ. އެހެން ނަމަވެސް ފުރިހަމަ ގޮތުގައި ތިއްބެވި މުސްލިމު އަޚުންނާއި އުޚުތުންނަށް ތިބާ ތި ލިޔަމުންދާ ބަސްތަކަކުންނާއި ލިޔުންތަކުން އެއްވެސް އަސަރެއް ނުކުރާނެއެވެ. އެހެންނަމަވެސް ދަންނަވަން ތޯއެވެ. މުސްލިމުން އަޚުންނާއި ކިތޭމެ ވަރަށް ފޮށުނަސް އުއްމަތުގެ މާތް ނަބިއްޔާ މުޙަންމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށާއި އެހެނިހެން އުއްމަތްތަކުގެ ރަސޫލުންނާއި ނަބިއްޔުންނާއި އަދި އެބޭބޭކަލުންގެ ޞަޙާބީންނާއި ޞަޙާބިއްޔާތުންނާއި އެބޭބޭކަލުންގެ އަހުލުބައިތުންނަށް ތިބާ ނުކުޅޭށެވެ. އެބޭބޭކަލުންނަށް ރަށްދުވާނެހެން އުއްފުވެސް ތިބާ ނުބުނާށެވެ. ދެންފަހެ އެއަށްވުރެ ބޮޑު ނުރައްކަލެއް ކޮބައިތޯއެވެ.

ފޭސްބުކުގައި ތި " ފަރުދާ " ވެގެން އުޅޭ ޒުވާނާ ލިޔެފައިވާ ލިޔުންކޮޅު ހުދު އެތައް މުސްލިމު އަޚުންނާއި އުޚުތުންނެއް ދެކެފިއެވެ. ބުނަންހެއްޔެވެ ؟ އަދި ހަނދުމަކުރާށެވެ. އެ ލިޔުންކޮޅު ފެނި މުސްލިމެއްގެ ޙައިޞިއްޔަތުން ހުދު އަހަރެންވެސް މިވަނީ ލޭ ކެކިފައެވެ. އޭ " ފަރުދާ " އަށް ވެގެން އުޅޭ ތާކުންތާކުން ނުޖެހޭ ޒުވާނާއެވެ. ﷲ ގަންދީ ބުނަމެވެ. ތިބާ ރަސޫލުންނާއި ނަބިއްޔުންނާއި ތަފާތު ބަދު ބަސްތައް ރައްދު ކުރާނަމަ،މުސްލިމެއްގެ ޙައިޞިއްޔަތުން ތިބާއަށް ބަދު ދުޢާ ކުރާނަމެވެ. ދުޢާ އަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުކަންވެސް ތިބާއަށް މި ދަނޑިވަޅުގައި ހަނދާންކޮށްދެމެވެ. ބަދު ދުޢާ ކޮށް ނިންމާލާތަނުން ކަޑީގެ މިޔަޔާ ކުރިމަތި ލާންޖެހުނަސް ވަރިހަމައެވެ. މިއަދު މިއީ ތިބާއަށް ކޮށްދޭ ހަނދުމަ ކޮށްދިނުމެކެވެ. ތިބާ އިޞްލާޙްވާން ގޮވާލަމެވެ. ﷲ ގެ ޙަޟުރަތަށް ތަޥުބާވެ ރުޖޫޢަ ވާށެވެ.

ހިތުން " ފަރުދާ " ވެގެން އުޅޭ ޒުވާނާއެވެ. ދިވެހިންގެ ތެރޭގައި ތިކަހަލަ ފިޑި އަކު ހުރިކަން ސާބިތުވީ މިއީ ދެވަނަ ފަހަރެވެ. އާއެކެވެ. ރަސޫލުންނާއި ނަބިއްޔުންނާއި އެބޭބޭކަލުންގެ އަޞްހާބުންނާއި އެބޭބޭކަލުންގެ އަހުލުބައިތުންނަށް ބަދު ބަސްތައް ރައްދުކޮށް އުޅޭ މީހުންނަކީ އަހަރެންގެ ނަޒަރުގައި ފިޑިންނެވެ. ގޮތެއްނެއް ހައިވާނުންނަށްވުރެވެސް ދަށު ދަރަޖައިގާވާ ބައެކެވެ. އާއެކެވެ.

" ފަރުދާ " ކަހަން ނުކެރިގެން ދުވާ ޒުވާނާއެވެ. މީގެ ކުރިން ތިބާ ދުނިޔެއަށް މިއަންނަމުންދާ ތަރަށްޤީ ދެކުނީމުހެއްޔެވެ ؟ މި ޓެކްނޮލޮޖީގެ ވަޞީލަތްތަށް ދެކުނީމުހެއްޔެވެ ؟ މިއީވެސް ހުދު އިންސާނުންނަށް ވާނޭ ފަސޭޙަތަށް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތެކެވެ. ނިޢުމަތް ދެއްވުމުން އެ ހެޔޮގޮތުގައި ބޭނުންކުރުމުގެ ބާރާއި ނުބައިގޮތްގޮތަށް ބޭނުންކުރުމުގެ އިޙްތިޔާރު ވަނީ އިންސާނާއަށް ދެއްވާފައެވެ. އެހެންނަމަވެސް، ހެޔޮގޮތް އިޙްތިޔާރު ކޮށްފި މީހަކު ކާމިޔާބު ވާނޭކަންވެސް ތި ތާކުން ތާކުން ނުޖެހޭ " ފަރުދާ " އަށް ނޭންގުނަސް ހެޔޮވިސްނޭ ބުއްދިވެރިން ދަނެއެވެ. މާތް ދީނުގައި އައިސްފައިވާ ރަނގަޅުގޮތްތައް އެބައި މީހުން ހޯދައެވެ.

" ފަރުދާ " އަޅައިގެން އުޅޭ ޒުވާނާއެވެ. ތިބާ ކަންބޮޑުވެގެން ތި އުޅެނީ ފޭސްބްކު މުސްލިމުން އަޚުންނާއި އުޚުތުން ބޭނުން ކުރަމުންދާތީވެ ދޯއެވެ ؟ ބުނަންހެއްޔެވެ ؟ މުސްލިމް އަޚުންނާއި އުޚުތުން ފޭސްބްކު ބޭނުން ކުރަނީ ތިބާ ހިތުގައި " ފަރުދާ " ކޮށްފައި ތިވާ ފަދަ ބަދު ބަސްތައް ބުނެ ހެދުމަކަށް ނޫނެވެ. ތިބާ ނުދަނަކަސް އެފަދަ މުސްލިމް އަޚުންނާއި އުޚުތުން އެމީހުން ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ބައްލަވާވޮޑިގެންވާނެ ކަން ރަނގަޅަށް ދަނެއެވެ. އެހެންވުމުން އެފަދަ ޒުވާނުންގެ ހިތްތަށް ވަނީ ނުބައި ބަސްތަކުންނާއި ނުބައި ޢަމަލުތަށް ކުރުމަށް ބިރުވެތިވެފައެވެ.

މުސްލިމު އަޚުންނާއި އުޚުތުން ފޭސްބުކް ބޭނުންކުރަމުން އެދަނީކީ " ފަރުދާ " ކަމެއް ކުރާއިރު ތިމާ ހިތުހުރިހާ ގޮތަކަށް ކަންތައް ނިންމަމުން ދާ އުޞޫލަކުން ނޫނެވެ. އެކަމުގައި ދީނީ ޢިލުމުވެރިންގެ ބަސްވެސް މުސްލިމު ޒުވާނުން ވަނީ ހޯދާފައެވެ. ނިކަން އަޅެ ދީނީ ޢިލުމުވެރިން ތި ވަރެއްނެއް " ފަރުދާ " ދަންނަމުހެއްޔެވެ ؟ ތިވަރުގެ މީހަކު އެފަދަ މާތް ޢިލުމުވެރިންނަށް ޙަޖޫ ޖަހާނެކަން ކަށަވަރެވެ. ނިކަން އަޑުއަހާށެވެ. ތިރީގައި އެވަނީ ފޭސްބުކު ބޭނުން ކުރުމާއި ބެހޭގޮތުން ރާއްޖޭގައި ހުންނެވި ދީނީ ޢިލުމްވެރިޔަކު ދެއްވާފައިވާ ޖަވާބެކެވެ.

( الحمد لله، والصلاة والسلام على رسول الله

أما بعد:

‘ފޭސް ބުކް’ އަކީ އިންޓަރނެޓް މެދުވެރިކޮށް އެހެންވެސް އެފަދަ ވަސީލަތްތައް ފަދައިން ދޭދޭ ދެމީހުންގެ ދެމެދުގައި މުއާސަލާތީ ގުޅުން ގާއިމް ކޮށްދޭ ވަސީލަތެކެވެ. އަދިކިޔެއް، ފޭސް ބުކް އަކީ އެއްވަގުތެއްގައި އެތައް މިލިޔަން މީހުނެއް އެމީހުންގެ ޝަޚްޞިއްޔަތު ތަޢާރަފް ކުރުމަށާއި އެހެން މީހުންނާއި ގުޅުމަށްޓަކައި ބޭނުން ކުރަމުން ދާ ތަކުލީފު ކުޑަ، ފަސޭހަ ވަސީލަތެކެވެ.

އެކަމަށްޓަކައި، ހަޔާތުގެ އަގު ވަޒަން ނުކުރެވޭ ވަރަށް ގިނަބަޔަކު ސަކަރާތް ޖެހުމާއި މަޖާކުރުމުގައި ވަގުތު ބޭކާރު ކުރުމާއި އަދި މީގެ އިތުރުން ނުރައްކާތެރި ގެއްލުން ބޮޑެތި ނުބައި ކަންތައްތައް ވެސް ކުރުމުގައި ބޭނުން ކުރާ ވަސީލަތެކެވެ. އަނެއްކޮޅުން ބުއްދިވެރި، ވިސްނުންތެރި، ހަޔާތުގެ މަގުސަދު ދަންނަ ވަރަށްގިނަ ހެޔޮލަފާމީހުން އެފަދަ މުންކަރާތްތަކުގެ މުގާބިލާގައި މީސްތަކުންނަށް ޢިލްމީ އަދަބީ، ދީނީ އަދި އަޚްލާގީ ކަންކަމުގެ ދަޢުވަތުދީ، މުންކަރާތް މަނާކޮށް ހެޔޮކަންކަމަށް އަމުރު ކޮށް ހެޔޮ ފޯރުކޮށްދިނުމުގައި ‘ފޭސް ބުކް’ ބޭނުންކުރެއެވެ. އޭގެން މީހުނަށް ލިބޭ ފައިދާ އަކީވެސް އިންކާރު ނުކުރެވޭ ފަދަ ބޮޑު ފައިދާއެކެވެ.

ވީމައި އެއްޗެއް ނުވަތަ ވަސީލަތެއް އޭގެ ޛާތުގައި ނުބައިވާނީ އޭގެ ބޭނުން ކުރާ މީހުންނާއި ބޭނުން ހިފޭ ގޮތެއްގެ މައްޗަށް ބިނާކޮށެވެ. ފޭސް ބުކް ގައި ނުވަތަ އިންޓަރނެޓްގެ ސައިޓް ތަކުގައި ފައިދާ ހުރި ރަނގަޅު ކަމެއް ކުރުމަކީ ރަނގަޅު ކަމެކެވެ. ސަވާބާއި ދަރުމަ ލިބޭނޭ ކަމެކެވެ. ހަމައެފަދައިން ނުބައި ކަންކަން ކުރުމަކީ ހަރާމް ކަމެކެވެ. އޭގެ ގެއްލުން އެމީހަކަށް ލިބޭނެ ކަމެކެވެ. ވީމައި ހެޔޮ ގޮތުގައި ‘ފޭސް ބުކް’ ނުވަތަ އެހެންވެސް އެފަދަ ވަސީލަތްތައް ބޭނުން ނުކުރެވޭ މީހުން އަދި އެބައެއްގެ ނަފްސުގެ މައްޗަށް ނުބައި މަގުން ހިނގައިދާނެ ކަމުގެ ބިރު އޮތް މީހުން އޭގެ ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

‘ފޭސް ބުކް’ ގައި ހަލާލު ނުވަތަ ރަނގަޅު މަސައްކަތް ކުރާ މީހަކު އޭނާގެ ޝަޚްޞިއްޔަތު އަންގައިދިނުމަށްޓަކައި ޑިސްޕްލޭ އަށް ފޮޓޯ ލުމަކީ ހުއްދަކަމެކެވެ.

ސުވާލު ކުރި އަޚް ކުރީގައި ‘ފޭސް ބުކް’ ގައި ވަގުތު ބޭކާރު ކުރުމާއި ޚިލާފަށް މިހާރު އެވަގުތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ މާތް ﷲ ގެ ތައުފީގުން ލިބުނު ވަރަށް ބޮޑު ހެޔޮ ކަމެކެވެ. މާތް ﷲ އަޅުގަނޑަށާއި މުސްލިމު ޒުވާނުންނަށް އެބައިމީހުންގެ ހަޔާތުގެ އަގުހިރި ވަގުތުތައް އެކަލާނގެ ކިޔަމަންތެރިކަމުގައި ލައްވައި އެކަލާނގެ ރުއްސަވާ ހެޔޮ އަމަލު އިތުރު ކުރުމުގެ ތައުފީގު ދެއްވާށި! އާމީން!

والله أعلم وصلى الله على محمد وآله وسل )

ޝޭޚްޝަމީމްވެސް ވިދާޅުވެފައި މިވަނީ މި ވާހަކަ ތައް ހަމަ ދިވެހި ބަހުންނެވެ. ވީމާ، އެއްޗެކޭ ދުލުން ބޭރު ކުރުމުގެ ކުރިން ތިބާ އަހަރެމެންނަށް ފަރުދާވިއެއް ކަމަކު ކަމުގެ ޙަޤީޤަތް ބަލާނުލާ ބަދު ބަސްތަކާއި ނުރައްކާތެރިކަން ވާ ބަސްތައް ތި ދުލުން ބޭރު ނުކުރާށެވެ. ދޫ ރައްކާތެރި ކުރާށެވެ. ދުލަކީ އިންސާނާގެ އެންމެ ބާރުގަދަ އެއްގުނަވަނެވެ.
އިތުރުތަފްޞީލް »

އެޗް.އޯ.ސީން ދިން ފުރުޞަތާއި އެކު ޕަސެންޓްގެ ލޯގޯވެސް


އެޗް.އޯ.ސީން ހުޅުވާލި ފުރުޞަތާއި އެކު ޕަސެންޓްގެ ލޯގޯވެސް ބަދަލުކުރުމަށް ރޭ 8.30 ގައި ބޭއްވި ބައްދަލުވުމުގައި ނިންމައިފިއެވެ. ބަދަލުކުރަން ހަމެޖެހުނީ ހަމައެކަނި ލޯގޯ އެވެ. ޝީޢާރަކީ ހަމަ އެއްޝިޢާރެކެވެ. ކުރީގެވެސް ޝިޢާރެވެ. ލޯގޯ ފަރުމާ ކުރުމަށް ހުޅުވާލީ ހަމައެކަނި ޕަސެންޓް ސުޕޯރޓްސް ކުލަބުގެ ކުޅުންތެރިންނަށާއި އެޓީމުގެ މެމްބަރުންނަށެވެ. ލޯގޯގައި ޓީމްގެ ދެ ކުލަ ކަމުގައިވާ ހުދު އަދި ކަޅުކުލަ ހިމެނެން ޖެހޭނެކަމަށް ކެޕްޓަން ސިނާން ޢަބުދުލް ޤަނީ ވިދާޅުވިއެވެ.
ލޯގޯ ފަރުމާކޮށްގެން 1 ވަނައަށް ދާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ޓީމްގެ ފަރާތުން ހަނދާނީ ލިޔުމެކެވެ. ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އަންގާރަ ދުވަހުގެ 04 ޖެހުމާއި ހަމައަށެވެ. ޓީމްތަކުގެ ލޯގޯ ބަދަލުކުރަން ދިން އެންމެ ފަހު ތާރީޚެއް ވަނީ އަދިވެސް ނޭންގުމެއްގެ ތެރޭގައެވެ.
އިތުރުތަފްޞީލް »

٢٠١٠-١٠-٢٨

ޗެލެންޖާރސްގެ ލޯގޯ ބަދަލުކުރަނީ


ލިޔެސްގެ ހިންގާ ކޮމެޓީގެ ތާޢީދާއި އެކު ކުލަބުތަކުން ރަޖިސްޓުރީކޮށްފައިވާ ލޯގޯ ބަދަލުކުރުމުގެ ފުރުޞަތު އެޗް.އޯ.ސީ އިން ދީފިއެވެ. މިގޮތަށް މިކަން ކުރަން ނިންމާފައިވަނީ ކުލަބް ޗެލެންޖާރސްގެ ފަރާތުން މިކަން ހުށަހަޅައިފައިވާތީއެވެ.
އެޗް.އޯ.ސީ ގެ ފަރާތުން ސަލީމް ޙުސައިން ( މެއްޑޯ ) ޗެލެންޖާރސްއިން މިކަން ހުށަހެޅުމުން ޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ ޚިޔާލް ހޯދުމަށްވަނީ އަންގާފައެވެ. އެގޮތުގެ މަތިން ޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރުންނަށް ހުރިހާ ކުލަބްތަކަށްވެސް އެ ފުރުޞަޠު ދިނުމަށް ފެނިފައިވާތީވެ އެފުރުޞަޠު ވަނީ ކުލަބްތަކަށް ހުޅުވާލައިފައެވެ.
އެގޮތުން ކުލަބް ޗެލެންޖާރސްއިން ވަނީ އެ ޓީމްގެ ލޯގޯ ފަރުމާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވައިލާފައެވެ. އެގޮތުން ހުށަހަޅާ ލޯގޯތަކުގެ ތެރެއިން 1 ވަނައަށް ދާ ފަރާތަކަށް 150 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އިތުރު ޓީމަކުން ލޯގޯ ބަދަލުކުރާނެ ކަމުގެ އިތުރު އެއްވެސް ޢިޝާރާތެއް އައިސްފަކާ ނުވެއެވެ.

އިތުރުތަފްޞީލް »