ލިޔުނީ:ޢާދަމް ސަޢީދު
މާތްރަސްކަލާނގެ ރުއްސުންލެއްވި ކަޢުބް ބުނު ޢުޖުރާ ގެފާނުން ރިވާ ކުރައްވައި ވިދާޅުވަނީ، ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲ ގެފާނުން ޙަދީޘް ފުޅުކުރެއްވިއެވެ. މިންބަރުގެ ފުރަތަމަ ހަރުފަތްގަނޑުގެ މައްޗަށް އަހުރެން އަރާތަނާއި ޖިބުރީލުލްއަމީނު މާތްރަސްކަލާނގެ ޙަޟުރަތުން ވަޑައިގެން ވިދާޅުވިއެވެ.
އޭ މާތްކަލާނގެ ރަސޫލާއެވެ. ކަލޭގެފާނުން އާމީން ވިދާޅުވާށެވެ. އަޅުގަނޑު ނުބައި ދުޢާ ކުރާނަމުއެވެ. ދެން ޖިބުރީލްގެފާނުން ނުބައި ދުޢާ ކުރައްވާން ފައްޓަވައިފޫއެވެ.
ޖިބުރީލްގެފާނުން ކުރެއްވި ފުރަތަމަ ދުޢާފުޅަކީ، އެމީހެއްގެ މައްޗަށް ރަމަޟާން މަސް އައިސް، އެމަހުގައި އެމީހެއްގެ ފާފަ ނުފުއްސެވުނު މީހަކު، އެބަހީ، ރަމަޟާންމަހުގައި ކަލާނގެ އަމުރު ކުރެއްވި ކަންތައްތަކާމެދު، ފަރުވާ ކުޑަކޮށް، ރޯދަ އެއްވެސް ޝަރުޢީ އުޛުރަކާއި ނުލައި، ނަގާލާ މީހަކު ކަލާނގެ ރަޙުމަތުން ދުރުކުރައްވައި، ނަރަކައާއި ގާތް ކުރައްވާނދޭވެ! ޖިބުރީލްގެފާނުން މި ދުޢާފުޅު ކުރައްވާތަނާއި، އަހުރެން އާމީން ކިޔައިފީމުއެވެ.
ދެން ޖިބުރީލުލްއަމީން ދެވަނަ ދުޢާ ކުރައްވާން ފައްޓަވައިފިއެވެ. އެ ދުޢާއަކީ، އެމީހެއްގެ މައިންބަފައިން ލޯބޯ ކޮށިވެ މުސްކުޅިވެގެންވާ ޙާލުގައި، އެ ދެމީހުންނަށް ނުބަލައި، އަދި އެ ދެމީހުންނާއި މެދު، އެއްވެސް ޙުރުމަތެއް ނުބަހައްޓާ މީހަކު، ކަލާނގެ ރަޙުމަތުން ދުރުކުރައްވައި، ނަރަކައަށް ގާތް ކުރައްވާނދޭވެ! އަހުރެން އާމީން ކިޔައިފީމުއެވެ.
ދެން ޖިބުރީލުލްއަމީން ތިންވަނަ ދުޢާފުޅު ފައްޓަވައިފިއެވެ. އެދުޢާފުޅަކީ، ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲ ގެ ފާނުންގެ ނަންފުޅު އަޑުއަހާފައި އެކަލޭގެފާނުންގެ މައްޗަށް ޞަލަވާތް ނުކިއެވި މީހަކަށް، މާތް ރަސްކަލާނގެ ކޯފާލައްވައި ރަޙުމަތުން ދުރުކުރައްވާށިއެވެ! ދެން އަހުރެން އާމީން ކިޔައިފީމުއެވެ.
މިއީ ޖިބުރީލުލްއަމީން ވިދާޅުވި ނުބައި ދުޢާފުޅުގެ ތިން ދުޢާފުޅެވެ. ކޮންމެ ދުޢާފުޅަކަށް ސަލާމާއި ޞަލާވާތްލެއްވި އިތުރު ރަސޫލުﷲ ގެފާނުން އާމީން ވިދާޅުވިއެވެ.
އޭ އިސްލާމުންނޭވެ! ނިކަން ވިސްނާބައްލަވާށެވެ. ދުޢާފުޅު ކުރައްވަނީ ކާކުތޯ. އާމީން ވިދާޅުވަނީ ކާކުތޯ! މި ދުޢާ މާތް ރަސްކަލާނގެ ޙަޟުރަތުގައި، ޤަބޫލުނުވާނޭ ކަމާއި މެދަށް ޝައްކު ކުރައްވަނީ ތޯއެވެ؟ ނޫން، ހަމަކަށަވަރުން މި ދުޢާއަކީ މާތްރަސްކަލާނގެ ޙަޟުރަތުގައި ޤަބޫލުވެވޭނެ ދުޢާއެކެވެ.
ވީއިރު، މިތިން މަސްއަލައިގެ މައްޗަށް ފިސާރި ރަނގަޅަށް ވިސްނައި އޭގެ މައްޗަށް ޢަމަލު ކުރައްވާށެވެ. މައިންބަފައިންނަށް ކަމޭހިތާށެވެ. ރަމަޟާން މަހަށް ކަމޭހިތާށެވެ. ރަސޫލާގެ މައްޗަށް ޞަލާވާތް ކިޔެވުމުގެ މައްޗަށް ކަމޭހިތާށެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ