"އިސްލާމްދީނުގައި އަހަރެމެން މުސްލިމުން މިޤަބޫލުކުރަނީ ހުރިހާ އެއްޗެއްވެސް ހެއްދެވީ ﷲ ކަމުގައި. ރަނގަޅު އަދި ކުރިއަށް ވިސްނާލަބަލަ، ހިތަށް ގެނެސްބަލަ ކަލެއަކީ ދުވަހަކުވެސް ކޮމްޕިއުޓަރެއް ލޮލަށް ނުފެންނަ އަދި އޭގެ ވާހަކަ އަޑުވެސް ނާހާ މީހެއްކަމަށް، ދެން އަހަރެން ކަލޭގެ އަތަށް ކޮމްޕިއުޓަރެއް ދީފައި މީތި ބޭނުން ކުރާށޭ ބުނީމައި އެނގޭނެތަ އެމެޝިނާ ކުޅެން؟ ޝެއިޚު ބުންޏެވެ. "ނޫނ! ނޭނގޭނެ" ޑުރައިވަރު ބުންޏެވެ.
"ދެން މިސާލަކަށް އަހަރެން މިދިނީ ކޮމްޕިއުޓަރު ބޭނުންކުރާނެ ގޮތުގެ ފޮތެއް، ކަލޭގެ އަތަށް އޭރުން އެކޮމްޕިއުޓަރު އެންމެ ފުރިހަމައަށް ބޭނުންކުރަން އެނގޭނެތަ؟ ޝެއިޚު ސުވާލުކުރިއެވެ. "އާނ! އޭރުން އެނގިދާނެ ކުޑަކޮށް ބޭނުން ކުރަން، އެކަމަކު އެންމެ ފުރިހަމައަށް ބޭނުންކުރާކަށް ނޭނގޭނެ" ޑުރައިވަރު ބުންޏެވެ.
އިސްލާމް ދީނުގައި އަހަރެމެން ބަލަނީ ޤުރުއާނަކީ އިންސާނުން ދުނިޔޭގައި ދިރިއުޅެންވީ ގޮތް ބަޔާން ކޮށްފައިވާ ފޮތްކަމަށް. މިފޮތުގައިވާ ގޮތާއި ޚިލާފަށް އުޅެން ވެއްޖެއްޔާ އެބަޔަކު ހަލާކުވެދާނެ، ހަމައެގޮތަށް ކޮމްޕިއުޓަރުވެސް އެމެޝިން ބޭނުންކުރަން އޮންނަ ގޮތްނޫން އެހެން ގޮތަކަށް ބޭނުން ކޮށްފިއްޔާ އޭތީގައި މައްސަލަތައްޖެހި ހަލާކުވެދާނެ، މިގޮތުން ކޮމްޕިއުޓަރުވެސް ބޭނުންކުރަން ޖެހޭނީ އެމެޝިން ބޭނުންކުރާނޭ ގޮތް ލިޔެވިފައިވާ ފޮތާ އެއްގޮތަށް، އެފޮތާއި އެއްގޮތަށް އެބޭނުންކުރާނޭ ފުރިހަމަ ގޮތް ކިޔައިދޭން އެނގޭނީ އެކަމުގެ ޚާއްސަ އިންޖިނޭރުންނަށް. މިގޮތުގެ މަތީން އެކި ޖީލުތަކާއި ހަމައަށް ކޮންމެ ޢިލްމެއް ވެސް އަންނަނީ އެކަމެއްގެ މޭސްތިރިންގެ ކިބައިން ނަގުލުވަމުން.
ހަމަ މިފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅު ކަމުގައިވާ ޤުރުއާނާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުތައް މިއަންނަނީ މިގޮތުގެމަތިން ދައުރުވަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ހައްދަވާފައި، އުޅެންވީގޮތް ޤުރުއާނުގައި ބަޔާންކުރައްވާފައި ރަސޫލުބޭކަލުން ފޮނުއްވީ އެކަލާނގެ ބަސްފުޅުތަކުގެ އަލީގައި މީސްތަކުންނަށް ދިރިއުޅުން ބައްޓަން ކުރަންވީގޮތް ބަޔާންކޮއްދެއްވުމަށް" ޝެއިޚު މަޑުމައިތިރިކަމާއި ޝައުގުވެރިކަމާ އެކު ކިޔައިދެމުން ދިޔައެވެ - ނުނިމޭ-.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ