ބަލަ އެ ޞަދަޤާތް ދިން މީހަކު ފަޤީރުން ދޫކޮށް ޞަދަޤާތް ދެނީ މުއްސަނދިން ނަށް ހެއްޔެވެ؟ އެއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އިސްމާޢީލަށް މިއަޑު އިވުމުން ވަރަށް ބޮޑަށް ދެރަވިއެވެ. މިފަހަރުވެސް ކަނޑައެޅީ ތިންވަނަ ފަހަރަށް މަސައްކަތް ކޮށްގެންވެސް އިސްމާޢީލްގެ ޞަދަޤާތް އެއީ اﷲ ޤަބޫލުކުރައްވާނެ ޞަދަޤާތެއް ކަމުގައި ހެދުމަށެވެ.
ޖެހިގެން އައިދުވަހު މި އަޒުމާއެކު އިސްމާޢީލު އެއްކަލަ ލާރިތަކުގެ ތެރެއިން އެންމެ ފަހުން އޮތް ކޮތަޅު ނަގައިގެން އެދުވަހުގެ އިރު އޮއްސުމުން ނުކުމެއްޖެއެވެ. އިސްމާޢީލް މިރޭ މަގުތައްމަތިން ދަނިކޮށް ފެނުނީ ފިހާރައެއްގެ ދޮރުކުރިމަތީ މީހަކު ހުއްޓިހުރިތަނެވެ. އޭނާ އެދޮރުގައި ހިފައި ލުކިޖަހާތަން ފެނިފައި އިސްމާޢީލް އޭނާގެ ފަހަތުން އައިސް ސަލާމް ގޮވާލިއެވެ. އެމީހަކު ސިއްސައިގެން ގޮސް އެނބުރުނެވެ. އިސްމާޢީލް ބުންޏެވެ. ތިބާ ތިޔަ ކުރަނީ ކީއްހެއްޔެވެ؟ އޭނާ ޖެހިލުންވެ ހުރެ ބުންޏެވެ. އަހަރެންނަކީ ... މި ފިހާރައިގެ ގާރޑެވެ. އިސްމާޢީލް އަހާލިއެވެ. ތިބާ ތިޔަ ކުރާ މަސައްކަތުން ތިބާއަށް ކިހާ ފައިސާއެއް ލިބޭ ހެއްޔެވެ؟ އޭނާ ބުންޏެވެ. ތިމަން މިމަސައްކަތް ކޮށްދީ އުޅެނީ އަގަކަށެއް ނޫނެވެ. އިސްމާޢީލު ހިތަށް އެރިއެވެ. މީ ހަމަ ޔަޤީނުން ނިކަން އަމާނާތްތެރި ފަޤީރެކެވެ. މިހެން ހިތައި އޭނާއަށް އެއްކަަލަ ލާރިކޮތަޅު ދީފައި ގެއަށްގޮސް ނިދައިފިއެވެ. އަނެއްދުވަހު ތެދުވެގެން ބޭރަށް ދިޔައިރު އެންމެން ދައްކަނީ ރޭގައި މީހަކު ވަގަކަށް ލާރިތަކެއް ދިން ވާހަކައެވެ. އިސްމާޢީލަށް މިއަޑު އިވިފައި ވީ ދެރައިން އަނބުރާލާފައި އައިސް ގެއަށް ވަދެ އެނދު މަތީ އިށީނދެއްޖެއެވެ. އަދި ހިތަށް އެރިއެވެ. އަހަރެންގެ ހުރިހާ ލާރިއެއްވެސް މި ބަހާލެވުނީ އެޙައްޤު ނުވާ މީހުންނަށެެވެ. ދެން ކުރާނެ ކަމެއްނެތެވެ. ހަމަ ޔަޤީނުންވެސް އަހަރެން މިކުރި ކަންކަން اﷲ ބައްލަވާ ވޮޑިއެއް ނުގަންނަވާނެއެވެ. މިހެން ހިތަށް އަރައަރައި އޮއްވައި އޭނާ އަށް ނިދިއްޖެއެވެ.
ކޮންމެއަކަސް އިސްމާޢީލަށް ފެންނަނީ އޭނާ ބޮޑު ހުދު ބިމެއްގައި ހުންނަނިކޮށެވެ. ދެން އަޑެއް އިވިގެން މަތި ބަލާލިއިރު ފެންނަނީ މަލާއިކަތް ބޭކަލަކު، ޖަވާހިރުން ފުރިގެންވާ ބޮޑު ސިންގާ ރުނބާތަކެއް ހިއްޕަވައިގެން ތިރިއަށް ވަޑައިގަންނަވާ ތަނެވެ. އަދި އެމަލާއިކަތް ބޭފުޅާ އިސްމާޢީލު އަށް ބުންޏެވެ. "އޭ އިސްމާޢީލެވެ! ހަމަކަށަވަރުން ވެސް اﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ޞަދަޤާތްތައް ޤަބޫލުކުރައްވައިފިއެވެ. އަދި އެކަލާނގެ ތިބާއަށް އެތައް ގުނައެއް އިތުރުކޮށްދެއްވައި ތިބާގެ މުދަލުގައި ބަރަކާތް ލައްވައިފިއެވެ. މިހިރީ ތިބާ ހޭދަކުރި މުދަލުގެ ޖަޒާއެވެ." އިސްމާޢީލު ބުންޏެވެ. "اﷲ ސުބުޙާނަހޫ ވަތަޢާލާ ހަމަ އަޅުގަނޑުގެ ޞަދަޤާތް ޤަބޫލުކުރެއްވި ބާއެވެ؟" މަލާއިކަތް ބޭފުޅާ ވިދާޅުވިއެވެ. "އާއެކެވެ! ބަލަ އިސްމާޢީލުއަކަށް ނޭނގޭ ހެއްޔެވެ؟ އިސްމާޢީލު ފުރަތަމަ ޞަދަޤާތް ދިނީ ޒިނޭ ކުރަމުން އައި އަންހެނަކަށެވެ. ފަހެ އޭނާ ޒިނޭކުރަމުން އައީ ލާރީގެ ބޭނުމުގައެވެ. އިސްމާޢީލު އެ އަންހެން މީހާއަށް ޞަދަޤާތް ދިނުމުން އޭނާ އެކަންތައް ކުރުމުން ދުރުވެއްޖެއެވެ. ދެން ދިނީ މުއްސަދި މީހާއަށެވެ. އެމީހާއަކީ މުއްސަންޖެއް ކަމަކު ވަރަށް ދަހި މީހެކެވެ. އިސްމާޢީލު އޭނާއަށް ޞަދަޤާތް ދިނުމުން އޭނާ އެކަން ހިތަށް އަރައި އެކަމުން ފިލާވަޅު ލިބިގެން އޭނާވެސް ޞަދަޤާތް ދީ އުޅެން މިހާރު ފަށައިފިއެވެ. ދެން ދިނީ ވައްކަން ކުރާ މީހާއަށެވެ. ފަހެ އެމީހާ ވައްކަން ކުރަނީ ހަމަ ލާރީގެ ބޭނުމަށެވެ. އިސްމާޢީލު އޭނާއަށް ޞަދަޤާތް ދިނުމުން އޭނާވެސް އެކަން ކުރުން ހުއްޓާލައި މިހާރު ރަނގަޅު ދިރިއުޅުމެއް އުޅެން ފަށައިފިއެވެ." މިޚަބަރު ދެއްވުމަށް ފަހު މަލާއިކަތާ ޣައިބު ވެއްޖެއެވެ. އެހިނދު މުޅި ދުނިޔެމައްޗަށް ވިދުވަރެއް އަރައިގެން ދިޔައެވެ.
ދެން އިސްމާޢީލުއަށް ލޯހުޅުވާލެވުނެވެ. އޭނާ އޮތީ ގޭގެ އެނދުމަތީގައެވެ. ހިނިތުންވެފައެވެ. ހިތާހިތާ ކިޔާލިއެވެ. الحمد لله އެވެ.
-ނިމުނީ-

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ