ލިޔުނީ: އަލް އަޚް ނަބީލް
ނިކަން ގާތް އެކުވެރި މުސްކުޅި ބޭބެއަކު ވާހަކައެއް ކިޔައިދޭނަމޭ ކިޔާފައި ކިޔައިދިނެވެ. އެއްދުވަހަކު ނިކަން ކަޅު މަސްފަލަ ބޮޑު މީދަލެއް ދުވެފައި ދަނިކޮށް، ގަހެއްގައި އިން ވަރަށް މަސްފަލަ ހަމަ އެހާ ކަޅު ކާޅެއް ފެނުނެވެ. ދެން މީދާ ހިތަށް އެރިއެވެ. މި ކާޅު މީ ހާދަހާވާ މަސްފަލަ ކާޅެކެވެ. އެސޮރުގެ މަސްގަނޑު ކާލަން ލިބޭ ނަމަ ދުލަށް މީރުވެފައި ބަނޑަށް ހާދަ އަރާމުވާނެއެވެ.
މީދާ ދުވެފައި އަންނަ ތަން ކާޅަށް ފެނުނު ހިނދު ކާޅު ހިތީ ކިހިނަކުން ކަމަށްތޯއެވެ. މިހިރަ އަންނަ މީދާގަނޑު ނޮޅާލެވިއްޖިއްޔާ ހާދަ މީރު މަސްގަނޑަކަށް ވާނެއެވެ. އެކާޅު ޝިކާރަކުރާނެ ގޮތަކާ މެދު ފިކުރު ހިންގަމުން ދުވަމުން އައިސް ކާޅާ ވަރަށް ގާތްވީމާ، މީދާ ހިތަށް އަރައިފިޔޭ! އެކަމަކުވާ ކުރަން މިއުޅެވެނީ އަނެއްކާ ކޮން ޒާތެއްގެ ކަމެއް ބާވައެވެ؟ ޔަގީނޭ އޭގެ އެހަރަ ތޫނު ވަކިތަކުން މަގޭ ބަދަމަތި ތޮރުފާލާފައި އެހަރަ ދިގުތޫނު ތުންގަނޑުން މަ ނޮޅާލާނެކަން ހަމަ ގައިމެވެ.
ތަންކޮޅެއް ގާތުން ކާޅަށް މީދާ ފެނުނު ހިނދު، ކާޅު ހިތަށް އެރިޔޭ ނާނާ މަސްގަނޑު ނަލަވެފައި ކާލަން ދަހިވިޔަކަސް އެއަކީވާ ދިމާކުރަން ހެޔޮވާ ވަރުގެ އެއްޗެއް ނޫނޭ. ޔަގީނޭ އެޔާ ދިމާކޮށްފީވިއްޔާ މަށަށް ހަމަލަދޭނީ އެހެރަ ހާރުވަން ގެންގުޅޭ ދަތްގަނޑުންނޭ. އޭގެ ތޫނުކަމުގެ ދިލަ މިހާރުވެސް މިހިރަ އިޙްސާސް ވަނީއޭ.
އެންމެ ފަހުން ކަންތައް ވީ ގޮތަކީ ދުވަމުން ދުވަމުން އައިސް ގަހާ އަރާ ހަމަވެފައި ނިކަން ރީތި ޢަރަބި ރާގަކަށް މީދާ ގޮވާލިއެވެ. އައްސަލާމް ޢަލައިކުމް!.. އެއަށް ވުރެ އަދި މާފަަރި ރާގަކަށް ކާޅު ގޮވާލައިފިއެވެ. ވަޢަލައިކުމުއްސަލާމް!.. ދެން ދޭތިދޭއްޗަށް ހީލާފައި ވަކިވެގެން ހިނގައްޖެއެވެ. ދޭތީގެ ވެސް އެތެރެ އޮތީ ހަމަ ބޭރު ކެހެރިގަނޑެކޭ އެއްގޮތަށް ގަދަ ކަޅުކުލައިގައެވެ.
ދެން އިތުރު އެެއްޗެއް ކިޔާނެ ކަމެއް ނެތެވެ. ރަނގަޅަށް ވިސްނާ ފިކުރު ހިންގާ ބަލާށެވެ. ޒަމާނީ ބޮޑެތި ސިޔާސީ މާހިރުން ތެރެއިން ގިނަ މީހުން ދަންނަނީ އެދޭތީގެ ސިޔާސަތެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ގުޅުންތައް ތަމްސީލުކޮށްދެނީ އެދޭތީގެ ސިޔާސީ ގުޅުމެވެ. އާނއެކެވެ. މީދަލާ ކާޅުގެ ޕޮލިޓިކްސްއެވެ. އެޕޮލިޓިކްސް ނުދަންނާތީ އެމީހުން އަހަރެމެންނަށް އެއްޗެހި ގޮވައެވެ. އެކަމަކު އަހަރެމެން އެކަހަލަ ސިޔާސަތު ދަސްކުރާހާ ފިނޑިއެއް ނޫނެވެ.
-ނިމުނީ-

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ