އަޅުގަނޑުމެންގެ ތެރޭގައި މިހާރުދަނީ ވަރަށްވެސް ގިނައިން ހެޔޮޢަމަލުކުރުން ގިނަވަމުންނެވެ. އެކަކު އަނެކަކަށް ވިސްނާއިދީ އިސްލާމީ ރިވެތި ފޭރާމުން ޒީނަތްތެރި ވެވޭތޯ މަސައްކަތް ކުރަމުންނެވެ. ހެޔޮކަމެއް އެއީ ކިތަންމެ ކުޑަކަމެއް އަދި ބޮޑުކަމެއް ވިޔަސް އެފަދަ ޒުވާނުން ދޫކުރާކަށެއް ބޭނުމެއް ނޫނެވެ. ވެވުނު ވަރަކުން ހެޔޮކަންތައް އިތުރު ކުރުމަށް މަސައްކަތް ކުރާތަން މި ކުޑަ މުޖުތަމަޢުގެ ތެރެއިންވެސް ފެންނަމުންދެއެވެ.
އެގޮތުން މިސްކިތްތަކަށް އަތަރު ފުޅި ލުމާއި، އަދި ދީނީ މައުޟޫއުތަކަށް އިންސާފުކުރައްވާފައިވާ ފޮތްތައްވެސް ދަނީ މަޑު މަޑުން މިސްކިތުގެ ތެރެއަށް އިތުރުވަމުންނެވެ. މިއީ ނިހާޔަތަށް މި ބްލޮގުގެ ފަރާތުން އުފާވާ އަދި ތި ބޭފުޅުންވެސް އުފާވެލައްވާނެ
ކަމެކެވެ. މިފަދަ ދީނީ ފޮތްތަކުންގެ ސަބަބުން، އެފޮތްތައް ކިޔުއްވާ ބޭފުޅުންނަށް ދަނީ އެކި އެކި ކަންކަން އޮޅުން ފިލަމުންނެވެ. އަދި އަތަރުގެ ސަބަބުން މިސްކިތްތެރެ ކޮންމެ ނަމާދު ވަގުތެއްގައިވެސް ވަނީ ހުވަނދުގެ ވަހުން އެއްވަސް ކުރުވާފައެވެ. ހިތަށް ހިތްހަމަޖެހުން ލިބެނީ މިފަދަ މަންޒަރުތައް ނޫން ދެން ކޮން މަންޒަރެއް ފެނުނީމަ ތޯއެވެ؟
އެހެންނަމަވެސް، ނުވިސްނޭ ބައެއް މީހުން ދަނީ، މިފަދަ ކޮންމެ ކަމަކަށް ހަޖޫ ޖަހާ، އޭގެ ނާޖާއިސް ފައިދާ ނަގަމުންނެވެ. ބައެއް ފަހަރު ދެވަނަ ފަހަރަށް އަތަރުލުމަށް ބަލާލާއިރު އަތަރު ފުޅީގެ އަސަރުވެސް މިސްކިތްތެރެއަކުން ނުފެނެއެވެ. އަދި ދީނީ ފޮތްތަކަށް ވަރަށް އިހާނެތިކޮށް ކަންތައް ކޮށް، މިސްކިތް ސާފުކުރަން ގެންގުޅޭ ފިހިގަނޑުދަށުންވެސް ނަގަންޖެހޭތަން އާދެއެވެ. މިފަދަ މީހުންނަށް ހަމަ ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވާކަން ނޭންގެނީ ތޯއެވެ. އެހެން ކަމަށް ވާނަމަ ކީރިތި ޤުރުއާނުގެ ޢަލަޤު ސޫރަތުގެ 14 ވަނަ އާޔަތް ބައްލަވާށެވެ. މާތްﷲ ވަޙީކުރެއްވި އާޔަތުގެ މާނައިގައިވެއެވެ. " ހަމަކަށަވަރުން ﷲ ދެނެވޮޑިގެން ވާކަން އޭނާ ނުދަންނަނީހެއްޔެވެ؟ "
ވީމާ އެފަދަ ކަންތައް ކުރައްވާ މީހުން އަވަހަށް ތަޥުބާވެ، ޙައްޤުގެ މަގަށް ރުޖޫޢަވުމަށް ގޮވާލަމެވެ.

2 ޚިޔާލު:
ވ.ވ.ވ.ވ. ރަނގަޅު ވާހަކައެއް ތިބުނީ
ސަޅި ލިޔުމެއް ، ވަރަށް ހިތްހަމަ ޖެހޭ،
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ