٢٠١٠-١٠-٢٢

ޕަސަންޓް ސްޕޯޓްސްގެ ކޯޗުކަމާއި ޑޭވިޑް ހަވާލުވެއްޖެ

ޕަސަންޓް ސްޕޯޓްގެ ތާރީޚުގައިވެސް އެޓީމަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދައިދީފައިވާ ކޯޗު ކަމުގައިވާ ލަންދޫ ގުލްބަކާގެ އަލްފާޟިލް އިބްރާހިމް ދާޢޫދު (ޑޭވިޑް) އަނެއްކާވެސް އެނބުރި ޕަސަންޓް ސްޕޯޓްސް ކުލަބުގެ ކޮޗުކަމާއި ހަވާލުވެއްޖެއެވެ.
2007 ވަނަ އަހަރު އޭރު ކުޅެން ދާމީހުންގެ ތެރެއިން އެންމެ ބޮޑެތި ބަނޑު ލައިފައި ތިބި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ޕަސަންޓް ޓީމަށް ގިނަމީހުން ކިޔަނީވެސް ބަނޑުޓީމެވެ. އެގޮތުން ވަރަށް ގިނަފަރާތްތަކެއްގެ ފާޑުކިޔުންތައްވެސް ޕަސަންޓަށް ވަނީ އަމާޒުވެފައެވެ.
ނަމަވެސް ލަންދޫ ފުރަވެރި އަބުދުﷲ އުމަރު (ކުޑަބެ) އަދި ޑޭވިޑްގެ އިރުޝާދުގެ ދަށުން އެއަހަރުގެ މުބާރާތަށް ނިކުން ޕަސަންޓް ޓީމުން ވަނީ އެޓީމުގެ ފުރަތަމަ މެޗުންވެސް މުޅި ލަންދޫ ސިއްސުވާލާފައެވެ. ޕަސަންޓުގެ ފުރަތަމަ މެޗުގައި ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ވީއާރ ވަންގެ ޓީމުގެ ކޮޅަށް 4 ގޯލް ޖަހާ އެޓީމުގެ ވަނީ ލަދުގަންނަވާލާފައެވެ. އެމެޗަށްފަހު ވަރަށް ގިނަ ކުޅުންތެރިންނާއި ކުޅި ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ޕަސަންޓު ޓީމަށް ތަޢުރީފުކޮށް ވާހަކަ ދައްކާފައެވެ.
އެމުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަން ޓީމުގެ ޝަރަފުވެސް ޕަސަންޓް ޓީމު ވަނީ ހޯދާފައެވެ. ފައިނަލު މެޗުގައި ވެލޯސިޓީ ޓީމު އެއް ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ އެއްވަރު ކުރުމަށްފަހު ސަޕޯޓަރުންނާއި ދިމާލަށް ކުޑަބެ އުކި މެޓާތަކުގެ ހަނދާން އަދިވެސް ލަންދޫގެ ގިނަބަޔަކު ހަނދާނުގައި ހުންނާނެކަން ޔަޤީނެވެ. މިމެޗުން ޕަސަންޓް ސްޕޯޓްސް ކުލަބު މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4 ލަނޑުންނެވެ.
ވޭތުވެދިޔަ 2008 ވަނަ އަހަރުގެ މުބާރާތަށްވެސް ޑޭވިޑް އަދި ކުޑަބެ ޕަސަންޓު ޓީމަށް ގެނައުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭރު ހާލަތު ހުރިގޮތުން އެދެބޭފުޅުންނަށްވެސް ވަނީ ޓީމަށް އެއްކޮން ހަރަކާތްތެރިވުމަށް އުޒުރުވެރި ވެފައެވެ.
ޕަސަންޓް ސްޕޯޓްގެ އުންމީދަކީ ކުޑަބެ ވެސް މިއަހަރު ޓީމާއި ގުޅުމެވެ. އަދި 2007 ވަނަ އަހަރުގެ ކާމިޔާބީ މާތްﷲ ގެ އިރާދަ ފުޅާއިއެކު މިއަހަރު (2010 ވަނަ އަހަރު) ވެސް ތަކުރާރު ކުރުމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ