٢٠١٠-٠٩-٠٩

ޢީދުގެ އަދަބުތަކާއި ސުންނަތް

ލިޔުނީ: އަލްއަޚް ޝަފީޢު ޢަބްދުﷲ
ހަމަކަށަވަރުން، ބަރަކާތްތެރި ރަމަޟާންމަސް ނިމި، ދެން އަޅުގަނޑުމެންނާ ކުރިމަތި މިލަނީ ފިޠުރު ޢީދު ދުވަހެވެ. އެހެންކަމުން، މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި މަތިވެރި ޞަޙާބީންގެ އަޘަރުތަކުގެ އަލީގައި، ޢީދުގެ ބައެއް މުހިންމު އަދަބުތަކާއި ސުންނަތްތަކަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ. އެދުމަކީ، މިކަމުގެ ސަބަބުން މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން، މިއަޅާއަށާއި ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މިންވަރުވުމެވެ.

އެގޮތުން؛

1- ރީތިވެ ނަލަވުން؛
އާދެ، މިއީ ސުންނަތުން ޘާބިތުކަމެކެވެ. ޞަޙީޙް ބުޚާރީގެ 948 ވަނަ ޙަދީޘްގައި މިކަން ވަރަށް ރަނގަޅަށް އެނގެން އެބައޮތެވެ. ނަމަވެސް، އެ ޙަދީޘަކީ ދިގު ޙަދީޘެއްކަމުން، މިތާ ނަކަލު ނުކޮށް ދޫކޮށްލަނީއެވެ.

އެހެންކަމުން، ޢީދު ދުވަހަށްޓަކައި، ޢީދު ނަމާދަށްޓަކައި ، ނަލަ ހެދި ރީތިވެ އާހެދުމެއް ލުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

2- ފެންވަރާ ހިނައިގަތުން؛
ޢީދު ނަމާދަށް ދިޔުމުގެ ކުރިން، ފެންވަރާ ސާފު ޠާހިރުވާން ޖެހޭނެއެވެ. އެހެނީ، ހުރިހާ މުސްލިމުން ޙާޟިރުވާ، މިފަދަ އުފާވެރި މުނާސަބަތަކަށް ފެންވަރާ، މީރުވަސް ދުވާ ހުވަނދު ލައިގެން ދިޔުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.
އެހެނީ އިމާމު މާލިކުގެ އަލްމުވައްޠައުގައި މިފަދައިން ވާރިދުވެފައިވެއެވެ.
عَنْ نَافِعٍ: أَنَّ عَبْدَ اللَّهِ بْنَ عُمَرَ رضي الله عنه كَانَ يَغْتَسِلُ يَوْمَ الْفِطْرِ قَبْلَ أَنْ يَغْدُوَ إِلَى الْمُصَلَّى. (موطأ مالك، 384(
މާނައީ: " ނާފިޢު ރަޙިމަހުﷲ ރިވާކުރެއްވިއެވެ. ހަމަކަށަވަރުން، އަބްދުﷲ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ، ފިޠުރު ޢީދު ދުވަހު، ޢީދުކުރާ މުޞައްލައަށް ދިޔުމުގެ ކުރިން ފެންވަރާ ހިނައިގަނެއެވެ."

3- ފިޠުރު ޢީދު ނަމާދަށް ދިޔުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކައިގެން ދިޔުން؛
އާދެ، މިއީ އަޟްޙާ ޢީދު ދުވަހާއި މުޅިން ތަފާތު ގޮތެކެވެ. އެހެނީ، އަޟްޙާ ޢީދު ދުވަހު އޮންނަނީ ނަމާދުން ނިމިގެން އައިސް ކެއުމަށެވެ. ނަމަވެސް، ފިޠުރު ޢީދު ދުވަހު، ސުންނަތްގޮތަކީ، ނަމާދަށް ދިޔުމުގެ ކުރިން އެއްޗެއް ކެއުމެވެ.

މިކަމަށް ކީރިތި ރަސޫލާ - صلى الله عليه وسلم - ގެ ސުންނަތުން ވަރަށް ގިނަ ޙަދީޘްތަކެއް ވާރިދުވެގެން އައިސްފައިވެއެވެ. ނަމަވެސް، މިތަނުގައި، ހަމައެކަނި އަނަސް ރަޟިޔަ ﷲ ޢަންހުގެ މިރިވާޔަތް ނަކަލުކޮށްލާނަމެވެ. عَنْ أَنَسِ بْنِ مَالِكٍ رضي الله عنه ، قَالَ: كَانَ رَسُولُ اللَّهِ صلى الله عليه وسلم لا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ. ويأكلهن وِتراً (صحيح البخاري، 953(
މާނައީ: ކީރިތި ރަސޫލާ صلى الله عليه وسلم ކަދުރުކޮޅެއް ފަރީކުޅުއްވުމަށްފަހު މެނުވީ، ފިޠުރު ޢީދު ނަމާދަށް ވަޑައެއްނުގަންނަވައެވެ. އަދި ކަދުރު ފަރީކުޅުއްވަނީ އޮނަހިރު އަދަދުންނެވެ".

4- ޢީދު ދުވަހު އެއްވެސް ރޯދައެއް ނުހިފުން؛
މިއީ ޙަރާމް ކަމެކެވެ. އެދުވަހު، އެއްވެސް ރޯދައެއް ނުހިފުމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ވަނީ ޢަމުރު ކުރައްވާފައެވެ. އެހެނީ، އެދުވަހަކީ އުފާވެރި ދުވަހެކެވެ. މުސްލިމު އަޚުންނާއި އުޚުތުން، އެކަކު އަނެކަކާއި ބައްދަލުކޮށް، ތަހުނިޔާ ކިޔާ، އުފާފާޅުކޮށް، ކައި ބޮއެ ހަދާ ދުވަހަކަށްވާތީވެސް މެއެވެ. މިކަމުން، އެއްވެސް މުސްލިމެއް މަޙްރޫމްވުމަކީ އިސްލާމްދީން އެދޭގޮތަކަށް ނުވާތީއެވެ.
عَنْ النَّبِيِّ صلى الله عليه وسلم : لا صَوْمَ فِي يَوْمَيْنِ: الْفِطْرِ وَالْأَضْحَى) صحيح البخاري، 1197)
މާނައީ: " ދެ ދުވަހެއްގައި ރޯދައެއް ނުވެއެވެ. އެެއީ ފިޠުރާއި އަޟްޙާ ދުވަހެވެ".

5- ޢީދު ނަމާދު ކުރުމަށް، ފައިމަގު މިސްކިތަށް ދިޔުން؛
عَنِ ابْنِ عُمَرَ، رضي الله عنهما، قَالَ: كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ إِلَى الْعِيدِ مَاشِيًا، وَيَرْجِعُ مَاشِيًا )حسن / صحيح سنن ابن ماجه للألباني)
މާނައީ: " ކީރިތި ރަސޫލާ صلى الله عليه وسلم - ޢީދަށް ވަޑައިގަންނަވަނީ ހިންގަވާފައެވެ. އަދި އެނބުރި ވަޑައިގަންނަވަނީވެސް ހިންގަވާފައެވެ."

އެހެންކަމުން، ކޮންމެ އަޚަކުވެސް އަދި އުޚުތަކުވެސް، މި ސުންނަތައް ޢަމަލުކުރުމުގެ ގޮތުން، ޢީދު ނަމާދަށް ހިނގާފައި ދިޔުމަކީ ވަރަށް ރަނގަޅު އަދަބަކަށް ވެގެންދާނެއެވެ. އަދި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތެއް ދިރުވުމުގެ ޘަވާބާއި ދަރުމަ އެމީހަކަށް ހައްޤުވެގެންދާނެކަމީ، އެއީ ޝައްކެތްހުރި ކަމެއް ނޫނެވެ. އެހެންކަމުން، މިކަމަށް، ފަރުވާތެރިވާށެވެ.

6- ޢީދަށް ދާ މަގާއި، އެނބުރި އަންނަ މަގު ތަފާރުކުރުން؛
وعَنْ ابْنِ عُمَرَ: أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَخَذَ يَوْمَ الْعِيدِ فِي طَرِيقٍ، ثُمَّ رَجَعَ فِي طَرِيقٍ آخَرَ) صحيح / صحيح سنن أبي داود للألباني، 254).
މާނައީ: " ހަމަކަށަވަރުން، ރަސޫލާ صلى الله عليه وسلم ޢީދު ދުވަހު، ޢީދަށް ވަޑައިގަންނަވަން އެހެން މަގެއް އިޚްތިޔާރުކުރެއްވިއެވެ. އަދި އެނބުރި ވަޑައިގަތުމަށްވެސް އެހެން މަގެއް އިޚްތިޔާރު ކުރެއްވިއެވެ."

ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުން، މިގޮތަށް އެކަލޭގެފާނު ޢަމަލުކުރެއްވުމުގެ ބޭނުމަކީ، ވިހާވެސް ގިނަ ބަޔަކާ ބައްދަލުކޮށް، ޢީދުގެ ތަހުނިޔާ ވިދާޅުވުމަށެވެ. އަދި އެއީ، އިސްލާމްދީނުގެ ހައިބަތު މުނާފިޤުންގެ ހިތްތަކަށް ވެއްދުމަށް ކުރެއްވި ކަމެއްކަމުގައިވެސް، ބައެއް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

ނަމަވެސް، މިތާ އަޅުގަނޑުމެން ލިބިގަންނަންޖެހޭ ދަރުސަކީ، އެކަލޭގެފާނުގެ ސުންނަތް ދިރުވުމުގެ ގޮތުން، މި ސުންނަތަށް، ޢީދު ދުވަހު ޢަމަލުކޮށްލުމެވެ. އޭރުން އެފުދުނީއެވެ.

 7-ޢީދު ދުވަހު ތަކްބީރު ކިޔުމާއި އެކަން ކުރާނެ ވަޤުތު؛
عن الزهري: أن رسول الله صلى الله عليه وسلم كان يخرج يوم الفطر فيكبر حتى يأتي المصلى، وحتى يقضي الصلاة، فإذا قضى الصلاة قطع التكبير( سلسلة الأحاديث الصحيحة للألباني، 171)
މާނައީ: " ހަމަކަށަވަރުން، ރަސޫލު ﷲ - صلى الله عليه وسلم - ފިޠުރު ޢީދު ނަމާދަށް ނުކުމެ ވަޑައިގަތުމަށްފަހު ތަކްބީރު ކިޔުއްވައެެވެ. އެއީ މުޞައްލަޔާ ހަމަޔަށް ވަޑައިގެންނެވެން ދެނެވެ. އަދި ނަމާދުކޮށް ނިމިވަޑައިގަންނަވަން ދެނެވެ. އަދި ނަމާދުކޮށް ނިމިވަޑައިގެންނެވީމަ، ތަކްބީރު ކިޔުން ހުއްޓަވާލައްވައެވެ."

އެހެންކަމުން، ބައެއް ޢިލްމުވެރީން ވިދާޅުވަނީ، ޢީދު ދުވަހުގެ ތަކްބީރު ކިޔަންފަށާނީ އެދުވަހު މަޣްރިބް ( އެއީ އެންމެ ފަހު ރޯދަ ހިފާ ދުވަހުގެ މަޣްރިބް) ގަޑިން ފެށިގެން، ޢީދު ނަމާދު ކުރަން އިމާމް މީހާ ނިކުންނަން ދެނެވެ. ނުވަތަ އިމާމު ޢީދު ޚުޠުބާ ކިޔާ ނިމެންދެނެވެ.

8- ތަކްބީރު ކިޔާނެގޮތް؛
ބައެއް ޞަހާބީ ބޭކަލުންގެ ފަރާތުން ކިޔާނެ ތަކްބީރު ވާރިދުވެގެންވެއެވެ. އެގޮތުން އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ފަރާތުން އަންނަނީ، މާތް ނަބިއްޔާ ޢީދުގެ ތަކްބީރު މިފަދައިން ވިދާޅުވި ކަމަށެވެ.
الله أكبر الله أكبر، لا أله إلا الله، والله أكبر الله أكبر، ولله الحمد

9- ޢީދުގެ ތަހްނިޔާ ކިޔާނެ ގޮތް؛
މިކަމަކީ ބައެއް ޞަޙާބީން ކުރެއްވި ކަމަށް ވާރިދުވެގެން އަންނަ ކަމެކެވެ. އެގޮތުން ޢީދު ނަމާދުކޮށް ނިމިގެން ބައްދަލުވާ އަޚުންނާއި އުޚުތުންނަށް ތަހުނިޔާ މިފަދައިން ކިޔިދާނެއެވެ.
تقبل الله منا ومنكم މާނައީ؛ އަޅަމެންގެ ފަރާތުންނާއި ތިބާމެންގެ ފަރާތުން މާތް ﷲ (ރޯދައާއި އަޅުކަންތައް) ޤަބޫލުކުރައްވާފާދޭއެވެ.

10- ޢީދުގެ އުފަލުގައި އަންހެން ކަނބަލުން ބައިވެރިވުން؛
އާދެ، މިދުވަހުގެ އުފަލުގައާއި ޢީދު ނަމާދުގައި އަންހެން ކަނބަލުން ބައިވެރިވެ ވަޑައިގަތުން އެއީ ސުންނަތެކެވެ. ޙައިޞްވެރިންނާއި އަދިވެސް އެފަދަ އެހެން ބޭކަނބަލުންވެސް ޢީދުގެ އުފަލުގައި ބައިވެރިވާންޖެހޭނެއެވެ. ނަމަވެސް، ޙައިޟްވެރިން ނަމާދުގައި ބައިވެރިވުމެއް ނޯންނާނެއެވެ. އެހެންކަމުން، އެފަދަ ކަނބަލުންވެސް، މުސްލިމުން ނަމާދުކުރާ ތަން ދުށުމަށްޓަކައި އަދި ދުޢާގައި ބައިވެރިވެ ވަޑައިގަތުމަށް ނިކުތުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އަމުރުކުރައްވާފައެވެ. އެހެނީ، މިއީ ހުރިހާ މުސްލިމުންގެ ޢީދެވެ. މިކަމުގައި އެކަކުވެސް ބަކީވެ އެކަހެރިވެ ހުރުމަކީ އިސްލާމްދީން އެދޭ ގޮތެއް ނޫނެވެ.

ނަމަވެސް، އަންހެން ބޭކަނބަލުން ނިކުންނަން ވާނީ، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ފަދަ ފޭރާމެއް ލައިގެންނެވެ. އަދި ސެންޓާއި ހުވަނދުލުމުން ދުރުވެގެންނެވެ.

އަޅުގަނޑުގެ ދުޢާ އަކީ، މާތް ﷲ، އަޅުގަނޑުމެން ހިފި ރޯދައާއި ކުރި ޤިޔާމް ޤަބޫލުކުރެއްވުމެވެ. ހަމަކަށަވަރުން، މާތް ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އަދި ދީލަތިވަންތަ އިލާހެވެ. تقبل الله منا ومن
 މިއީ ރާްއްޖެ އިސްލާމް ސައިޓުން ނަގާފައިވާ ލިޔުމެކެވެ. ...

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ