ލިޔުނީ : -ނަބީލް-
ރިވާވެގެންވެޔޭ އެއްދުވަހެއްގައި ޢަބްދު اﷲ ބިން ޢުމަރު ރަޟިޔަ اﷲ ޢަންހުމާ އެކަލޭގެފާނުގެ ބައެއް އެކުވެރިންނާއެކު ޞަޙަރާގައި ހިންގަވަމުން ވަޑައިގެން މަދީނާއާ ވަރަށް ގާތް ހިސާބެއްގައި ފަރިއްކުޅުއްވުމަށް ހުރިހާ ބޭކަލުން އިށީނދެވަޑައިގެންނެވިއެވެ. މިހެން ތިއްބަވަނިކޮށް ބަކަރި ހުއިހައްޕަން އުޅޭ ނިކަން ޅަ ޒުވާނަކު އެބޭކަލުންނަށް ފެނިވަޑައިގަތެވެ. އަދި އެޒުވާނާ އެބޭކަލުންނަށް ސަލާމް ގޮވާލިއެވެ. ދެން އިބްނު ޢުމަރު ރަޟިޔަ اﷲ ޢަންހު އެބޭކަލުންގެ ކެއުމުގައި ބައިވެރިވުމަށް އެޒުވާނާއަށް ދަޢުވަތުދެއްވިއެވެ. ވިދާޅުވިއެވެ. އޭ ބަކަރިހުއިހައްޕާ ޒުވާނާއެވެ! އަހަރެމެންގެ މި ސުފުރާގައި ބައިވެރިވެލާން އަންނާށެވެ! އެޒުވާނާ ބުންޏެވެ. ތިމަންނާ މިހުރީ ރޯދައަށެވެ.
ދެން އިބްނު ޢުމަރު ރަޟިޔަ اﷲ ޢަންހު ޢަޖައިބުވެވަޑައިން އިންނަވާ ސުވާލުކުރެއްވިއެވެ. މިހާ ހޫނުގަދަ ދުވަހުގައި މިފަރުބަދަތަކުގެ ތެރޭގައި ބަކަރި ހުއިހައްޕަމުން ވެސް ތިބާ ތިހުރީ ރޯދަވެރިއެއް ގޮތުގައި ހެއްޔެވެ؟ އެންމެ ރަނގަޅެވެ. ތީގެ ތެރެއިން ކަންބަޅިއެއް އަހަރެމެންނަށް ވިއްކަން ކެރޭނެހެއްޔެވެ؟ އަހަރެމެން އަގުދޭނަމެވެ. އަދި އެއިން މަސްކޮޅެއް ވެސް ތިބާއަށް ދޭހުށީމެވެ. ދެން އެއިން ތިބާ ރޯދަވީއްލާނީއެވެ. ދެން ޒުވާނާ ބުންޏެވެ. މިއީ އަހަރެންގެ ގެރިބަކަރިތަކެއް ނޫނެވެ. މިއީ އަހަރެންގެ ސާހިބުމީހާގެ އެއްޗިއްސެވެ.
އެޒުވާނާގެ އީމާންތެރިކަމާއި އަމާނާތްތެރިކަން އިމްތިޙާން ކޮށްލެއްވުމުގެ ގޮތުން އިބްނު ޢުމަރު ރަޟިޔަ اﷲ ޢަންހު ވިދާޅުވިއެވެ. ވަހުޝީ ޖަނަވާރެއް އެކަތި ކާލީކަމުގައި ސާހިބުމީހާއަށް ދަންނަވާނީއެވެ. އެހިނދު ޒުވާނާ ވަރަށް ރުޅި އައިސް، ކުޑަކޮށް ދުރަށް ޖެހިލާފައި ޝަހާދު އިނގިލި އުޑާ ދިމާއަށް އުފުލާފައި ބުންޏެވެ. ފަހެ އެހެންވީއިރު اﷲ ވޮޑިގެން ނުވަނީހެއްޔެވެ؟ "ފަހެ އެހެންވީއިރު اﷲ ވޮޑިގެން ނުވަނީހެއްޔެވެ؟" ޒުވާނާގެ މިޖުމްލަ ތަކުރާރު ކުރައްވަމުން ކީރިތި ކުރެއްވުމުގައި އެތައް އިރެއް ވަންދެން އިބްނު ޢުމަރު ރަޟިޔަ اﷲ ޢަންހު އިންނެވިއެވެ.
އަދި އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އެޒުވާނާގެ ސާހިބުމީހާ ހޯއްދެވުމަށްފަހު ސާހިބުމީހާގެ އަތުން ޒުވާނާ ބައްލަވައިގަތުމަށްފަހު މިނިވަން ކުރެއްވިއެވެ. އެޒުވާނާ ބުނި ބަހަކީ އަހަރެމެންގެ ހިތާއި ފިކުރުގައި އަބަދުމެ ހަރުލައްވަން ޖެހިފައިވާ ޝިޢާރެކެވެ.
-ނިމުނީ-

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ