٢٠١٠-١٠-١٣

އެދުވަސް – އެއްވަނަބައި


( ޙަޤީޤީ ޙާދިސާއެއް )
ފަތިހުގެ ފިނިކަން އަހަރެންގެ ހަށިގަނޑުގައިވަނީ ހިފާފައެވެ. އެހެންވުމުގެ ސަބަބުން ފެންވެރުމަށްވެސް އަހަރެންގެ ހިތް ނުރުހެއެވެ. މުޅި ހަށިގަނޑު އޭރުވެސް ތުރު ތުރު ލައެވެ. ފަތިހުގެ ފިނިކަމުން ގަހުގެ ފަތްތަކުންވެސް ފެންތިކި ތަޅައެވެ. އޭރު ގަޑިން 4.30 ހެއެވެ. ފެންވެރުމަށް އަހަންނަށް މަޖުބޫރެވެ. ފެންނުވަރާ އެހުރިހާ ކުދިންގެ ތެރެއަށް ތާކަށް އަހަންނަކަށް ނުކެރޭނެއެވެ. އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ކައިރީގައި އިން އެކުވެރިޔަކާ މުޚާޠަބު ކުރެވޭހެންނެވެ. ބައެއް ފަހަރު އަހަންނަށް އަހަރެން މިއީ މޮޔައެކޭވެސް ހީވެއެވެ. ވާނީވެސް އެހެންތާއެވެ. އުފަލުންވެސް މިފަތިހުގެ ހަމަހިމޭންކަމުގައި މޮޔަގޮވޭ ވަރު މިވަނީ ވެފައެވެ. އިތުރު ބަހަނާތަކެއް އަމިއްލަ ހިތާއި ނަފްސައް ނުކޮށް ފާޚާނާއަށް ވަދެ ފެންވަރާ ސާފްވެލީމެވެ. ނަޞީބަކުން ފެންވަރާއި ޒީނަތްތެރިވެ ނިމުނުފަހުން ފިނިކަންވެސް ހަމަޔަކަށް އެޅިންޖެއެވެ.
ޙާޟިރުވާން އަންގާފައިވާ ތަނަށް ޔުނީފޯރމް އަޅައިގެން އަހަރެންވެސް ދިޔައީމެވެ. އޭރު އަހަރެންގެ އެހެން އެކުވެރިންވެސް މަޑުމަޑު ހިނގުމެއްގައި ޙާޟިރުވާން އަންގާފައިވާ ސަރަޙައްދައް ޖަމާވަމުންދެއެވެ. އަހަރެންނެކޭ އެއްފަދައިން އެކުދިންގެ މޫނުމަތިންވެސް އުފާވެރިކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ފިހާރަވެސް އެވަނީ އަހަރެންމެންނަށްޓަކައި އެހާ ފަތިހުގެ ވަގުތުގައި ހުޅުވާދެވިފައެވެ. ކާނެ ތަކެއްޗާއި ބޯނެތަކެތި، އެކުވެރިން ގަންނަމުން ދެއެވެ. އަހަރެންވެސް ދެބޮނޑި ބިސްކޯދާއި އެއް ކޯކްފުޅި ދަބަހައްލާ ރައްކާކުރީމެވެ. އަދި އެތަކެތި ބޮއުމަށްފަހު އަނގަމިރުކޮށްލާނެ އެއްޗެއްގެ ގޮތުން ސުޕާރީވެސް ގަނެ ދަބަހައްލީމެވެ. ފިހާރައިން ނުކުމެ މަގުގެ އިރުވާކޮޅު ބަލާލި އިރު އަހަރެންގެ ޓީޗަރ މިހިރަ ދުރުވަނީއެވެ. އަވަސް އަވަހަށް ގޮސް ހަމަޖެހިފައިވާ ތަނަށް ހުއްޓުނީމެވެ. އޭރު ފުދޭވަރަކަށް ބެލެނިވެރިންވެސް އައިސް ތިއްބެވެ. އިރުކޮޅެއްނުވެ ޙައްޤު ގޮވުމުގެ އަޑު އިވެންފެށުނެވެ. ފަތިސްނަމާދު ވަޤުތުވެސް ޖެހުނީއެވެ. އެހެންނަމަވެސް މިސްކިތަށް އެރުމަށްފަހު އަންނަންވާއިރަށް ގަޑި ޖެހޭނެތީވެ އެއްވެސް އެކުވެރިޔަކުވެސް ނަމާދަކަށް ނުދެއެވެ.
ބަންގީގެ ފަހުކަލިމައިގެ އަޑު ރަނގަޅަށް ނުނިމެނިސް އިންޖީނުގެ އަޑު އިވުނެވެ. އެއީ ދާންހަމަޖެހިފައިވާ ދޯނި ފަޅަށް ވަތްއަޑެވެ. މަޑުމަޑުން ހުރިހާ ކުދިންވެގެން ދޯންޏާއި ދިމާލަށް މިޞްރާބު ޖެހީމެވެ. ހަމަޖެހިފައިވާ އުޞޫލުން ދޯންޏަށް ހުރިހާ ކުދިން އަރާނިމުމުން ބެލެނިވެރިންގެ ތެރެއިން ދަތުރުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ދެ ބޭފުޅުންނާއި އަހަރެމެންގެ ޓީޗަރާއި ސުކޫލުގެ އިތުރު ދެޓީޗަރުން ދޯންޏަށް އަރާނިމުމުން މަޑު ދުވެއްޔެއްގައި ދޯނި ދުއްވަން ފެށިއެވެ. އިރުގެ އަލިން އޭރު އުދަރެހަށް ވަނީ ކޮންމެވެސް ވަރަކަށް އަލިވެފައެވެ. މިފެށުނީ ސުކޫލްދަޢުރުގައި ކުރެވޭނެ އެންމެ ފަހުދަތުރެވެ. އެތައް ދުވަހެއްގެ އާދޭސްތަކަކާއި ބުރަ މަސައްކަތްތަކަކުންނެވެ. ހާރުވާ ކަރުވާ ދެކޮޅަށް ތެޅުވުމަށްފަހުގައެވެ. ތިންފަހަރުމަތިންވެސް މިދަތުރު ފެށި ކުރިއަކަށް ނުދެވުނެވެ. އެހެނަސް މިއަދު މިވަނީ ދަތުރަށް ފެށިކުރިއަށް ދެވެންފަށާފައެވެ.
އެކަމާ ހުރިހާ ކުދިންވެސް ތިބީ ހިތްއުފާކޮށްގެންނެވެ. އެކަން އެކުދިންގެ މޫނުތަކަށް ބަލާލުމުންވެސް އެނގެއެވެ. އެއުފާވެރި މޫނުތައް މިހާރުވެސް އަހަންނަށް ފެންނަ ކަހަލައެވެ. ރަނގަޅަށް އިރުއަރާ ދުނިޔެމަތި އަލިވެލުމުން ރަނގަޅަށް ދޯނިތެރެ ބަލާލީމެވެ. ހިތްގައިމެވެ. އެންމެ ކުއްޖަކު ފިޔަވާ އެހެން ހުރިހާކުދިން ހަމައެވެ. އެއީ އޭނާގެ ކުށެއްވެސް ނޫނެވެ. އަދި އަހަރެމެންގެވެސް ކުށެއްނޫނެވެ. އޭނާގެ ބަލިޙާލު ހުރިގޮތުން ދަތުރުގައި ބައިވެރި ނުވެނީއެވެ. ހެނދުނުގެ ނާސްތާ އޮތީ ދޯނީގައެވެ. ހުރިހާ ކުދިންވެސް ގެނާ ކާތަކެތި ނަގާ ކާންފެށިއެވެ. އަހަރެންވެސް މަޑުމަޑުން އިނދެގެން ގެނައި ކާތަކެއްޗަށް ގޮތެއް ހެދޭތޯ ބެލީމެވެ. ހެވޭކަހަލަ ވާހަކަތައް ދޯނީގައި ދެކެވެމުންދެއެވެ. އުފާވެރިކަން އެހިނދުގައިވެސް ދޯނީގައި ވަނީ ފެތުރިފައެވެ. ( ނުނިމޭ )

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ