އުމުރުން 80 އަހަރުވެފައިވާ މުސްކުޅި ފިރިހެނަކު އޭނާގެ 45 އަހަރުގެ ފިރިހެން ދަރިފުޅާއިއެކު ގޭގޭ ސިޓިން ރޫމްގައި ހުރި ސޯފާއެއްގައި ތިއްބެވެ. މަތިން އުދުހިފައި ދިޔަ ކާޅެއް ކުއްލިއަކަށް އައިސް ސިޓިން ރޫމްގައި ހުރި ކުޑަދޮރު މަށްޗަށް ތިރިކޮށްލިއެވެ. އެހިނދު މުސްކުޅިޔާ އޭނާގެ ދަރިފުޅަށް އިޝާރާކޮތް ސުވާލުކުރިއެވެ. ”ދަރިފުޅާ އެއީ ކޯޗެއް؟” ދަރިފުޅު ޖަވާބުގައި ބުންޏެވެ.” ބައްޕާ އެއީ ކާޅެއް”، ކުޑަ އިރުކޮޅެއް ފަހުން މުސްކުޅިއާ ދެވަނަ ފަހަރަށް ހަމަ އެސުވާލު ތަކުރާރު ކުރިއެވެ. ”ދަރިފުޅާ އެއީ ކޯޗެއް؟” ދަރިފުޅު ޖަވާބުގައި ބުންޏެވެ.” ބައްޕާ ކުރިންވެސް ބުނެފީމެންނު އެއީ ކާޅެކޭ”، ކުޑަ އިރުކޮޅެއް ފަހުން މުސްކުޅިއާ ތިންވަނަ ފަހަރަށް ހަމަ އެސުވާލު ތަކުރާރު ކުރިއެވެ. ”ދަރިފުޅާ އެއީ ކޯޗެއް؟” ދަރިފުޅު ޖަވާބުގައި ބުންޏެވެ.” އެއީ ކާޅެކޭ…ކާޅެކޭ” މިފަހަރު ދަރިފުޅުގެ ޖަވާބު ހަރުކަށިވެފައި ރުންކުރެވެ. ކުޑަ އިރުކޮޅެއް ފަހުން މުސްކުޅިއާ ހަތަރުވަނަ ފަހަރަށް ހަމަ އެސުވާލު ތަކުރާރު ކުރިއެވެ. ”ދަރިފުޅާ އެއީ ކޯޗެއް؟” ދަރިފުޅު ޖަވާބުގައި ބުންޏެވެ.” އެއީ ކާޅެކޭ…ކާޅެކޭ” ކިތައް ފަހަރު ބުނެވިއްޖެތަ؟ ކީއްވެގެންތަ އަބަދު އެއްސުވާލެއް ތިކުރަނީ، މި ބުނާ އެއްޗެއް ނޭނގޭތަ؟ ބޮޑު އުނދަގުލަކަށް ވެއްޖޭ މިހާރު” މިހެން ކިޔާފައި ދަރިފުޅު މުސްކުޅި ބައްޕައާއި ދިމާލަށް ހަޅޭއްލަވައިގަތީ ރުޅިގަދެވެފައިވާ ސިންގާއެއް ހެންނެވެ. ރުޅިއައިސްގެން މަޅާލާ އަތް މުސްކުޅިއާގެ މޫނުމަތީގައި ނުޖެހިދަނީ ހަމަކިރިޔާއެވެ.
މުސްކުޅިޔާ އެއްވެސް އެއްޗެއްނުބުނެ ގޮސް އޭނާގެ ކޮޓަރިން ބާވެ ކަފާސްވެފައި އޮތް ފޮތެއް ހިފައިގެންއައިސް ދަރިފުޅުގެ ކައިރީ އިށިއިނެވެ. އެއީ މުސްކުޅިޔާގެ އެ ދަރިފުޅު ވިހޭންސުރެ މުސްކުޅިޔާ ލިޔަމުން ގެންދާ ޑައިރީއެވެ. އަދި އެޑައިރީ ހުޅުވާލުމަށް ފަހު ހައެއްކަ ގަނޑު އެއްލުމަށްފަހު ދަރިފުޅު އަތަށް ޑައިރީ ދީފައި މި ގަނޑު ކިޔާލާށޭ ބުންޏެވެ.
ދަރިފުޅު އެ ގަނޑު ކިޔަންފެށިއެވެ. އެ ގަނޑުގައިވާނީ މިފަދައިންނެވެ. ” މިއަދު އަހަރެންގެ 3 އަހަރުގެ ލޯބި ލޯބި ދަރިފުޅާއި ދެމީހުން ސިޓިން ރޫމްގެ ސޯފާގައި ތިއްބާ މަތިން އުދުހިފަ ދިޔަ ކާޅެއް އައިސް ސިޓިން ރޫމްގައި ހުރި ކުޑަދޮރުގެ މަށްޗަށް ތިރިކޮށްލިއެވެ. ދަރިފުޅު އަހަރެންނާ ސުވާލުކުރިއެވެ. ބައްޕާ އެއީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެން ޖަވާބުގައި ބުނީމެވެ. ދަރިފުޅާ އެއީ ކާޅެކެވެ. ދަރިފުޅު އެސުވާލު ތަކުރާރުކޮށް 23 ފަހަރު އަހަރެންނާއި ކުރިއެވެ. އެކަމަކު އަހަރެން ދަރިފުޅުދެކެ ރުޅިއެއްނާދެއެވެ. 23 ފަހަރުވެސް ދަރިފުޅުގެ އެސުވާލަށް އަހަރެން ޖަވާބުދިނީ އެތުއްތު ދަރިފުޅުގެ ގައިގައި އޮޅުލައި ގަންނަމުންނެވެ. ސުވާލު ތަކުރާރު ކުރިވަރަކަށް އަހަރެންގެ ހިތުގައި ދަރިފުޅުގެ މަށްޗަށް އޮތް ލޯބި ދިޔައީ އިތުރުވަމުންނެވެ. އެހެނީ އެދަރިފުޅު އެތަކެތީގެ މަޢުލޫމާތު ހޯދުމަށް އެހާ ކުޑައިރުވެސް ޝައުޤު ވެރިކަން ހުރިކަން އެނގުނީމައެވެ.”
އެކަމަކު ނިކަން ދެކެ ބަލާށެވެ. މިއަދު އެ މުސްކުޅި ބައްޕަ އެންމެ ހަތަރު ފަހަރު އެއްސުވާލެއް ތަކުރާރު ކޮށްލުމުން ދަރިފުޅުގެ ކައިރިއަށް އެއައީ ކޮންފަދަ ރުޅިއެއްތޯއެވެ؟ ދަރިން މައިމީހާގެ ބަނޑުގައި ޣަރުބަ ގަތީއްސުރެ އެބައި މީހުން ދަރިންނަށްޓަކައި އުފުލި ވޭނާއި ދިން ލޯބީގެ ބަދަލުގައި އެބައި މީހުން މުސްކުޅިވީ ދުވަހު އަޅާނުލައި ބިކަކޮށްލުމަކީ ކޮންފަދަ ނުބައިކަމެއްތޯއެވެ؟ ލޯބޯ ކޮށައިގެން ހޯދައިދިން ތަޢުލީމާއި ކުރި ތަރުބިއްޔަތުގެ އަގު އަހަރެމެންގެ އުމުރު ހުސްކޮށްލައިގެން ވިޔަސް އަދާކުރެވޭނެ ތޯއެވެ؟ މިއަދު އަހަރެމެންގެ އަޒުމަކަށް ވާންނާނީ މައިންބަފައިން އަހަރެމެންނާއި ދޭތެރޭގައި ކޮންމެ ގޮތަކަށް އަމަލުކުރިޔަސް އަހަރެމެންގެ ދުލުން ހެޔޮބަހެއް މެނުވީ އެބައިމީހުންނަށް ރައްދުނުކުރުމެވެ. އަހަރެމެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް މައިންބަފައިންނަށް ޚިދުމަތްކުރުމެވެ. ﷲ ގެ ހަޟްރަތުގައި ދުޢާދަންނަވަންވީ އަހަރެމެން ކުޑައިރުއްސުރެ ބަލައި ބޮޑުކުރި ފަދައިން މައިންބަފައިންގެ މަށްޗަށް ރަޙްމަތް ލެއްވުން އެދިއެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ