މިސްކިތަކީ ބިންމަތީގައިވާ މާތްﷲގެ ގެކޮޅެވެ. މިފަދަ މާތް، މުޤައްދަސް ތަންތާނގައި އުޅޭއުޅުމުގައި މަޑުމައިތިރިވުމަކީ އިސްލާމީ ރިވެތި އާދައެކެވެ. މީހުން ނަމާދު ކުރަން ތިއްބާ އެބައިމީހުންނަށް އުނދަގޫވާނޭ ފަދައިން މިސްކިތް ތެރޭގައި ދުވެ، ސަކަރާތްޖަހާ ހެދުމަކީ ވަރަށް ދަށު ދަރަޖައިގެ ހަޑިހުތުރު ޢަމަލެކެވެ. ތިމާ ނަމާދަށް ދިއުމަށް ނިޔަތްގަނެ، ވުޟޫކޮށްގެން މިސްކިތަށް ދިޔުމަށްޓަކައި ނުކުންނަހިނދުން ފެށިގެން ތިމާއަށް އެހުރެވެނީ ނަމާދުގެ ތެރޭގައިކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. ނަމާދުގައި ތިބެންވާނީ ނިކަމެތިކަމާއި މަޑުމޮޅިކަމާއިއެކު ﷲ އަށް ބިރުވެތިވާ ޙާލުގައެވެ.
މީހަކު ނަމާދަށް ހުއްޓާ އޭނާގެ ކުރިކަނޑާ ދިއުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަރަށްބޮޑަށް މަނާކުރައްވާފައިވާ ކަމެކެވެ. ޒައިދު ބުނު ޚާލިދު ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. " މީހަކު ނަމާދު ކުރަން ހުއްޓާ އޭނާގެ ކުރިކަނޑާ ދާ މީހާ، އޭނާއަށް ފާފައިގެ ގޮތުން ލިބޭނޭ މިންވަރު އެނގޭނަމަ، ނަމާދުކުރަން ހުރި މީހާގެ ކުރިކަނޑާ ދިއުމަށްވުރެ (އެމީހާ ނަމާދުކޮށް އަވަދިވުމުގެ އިންތިޒާރުގައި) 40 ވަންދެން ކޮޅަށްހުރުންވެސް މާ ރަނގަޅު ކަމުގައި އޭނާއަށް ޤަބޫލު ކުރެވޭނެއެވެ."
ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ހަދީޘެއްގައިވެއެވެ. " ތިޔަބައިމީހުންގެ ތެރޭން މީހަކު ސުތުރާއެއްގެ ފުރަގަހުގައި ހުރެ ނަމާދު ކުރަނިކޮށް މީހަކު ތިމާގެ ކުރިކަނޑާ (ތިމާއާއި ސުތުރާއާއި ދެމެދުން) ދަނީނަމަ، އެހެން ދިމާއަކުން ދިއުމަށް އޭނާއަށް އިޝާރާތްކޮށް އޭނާ ހުއްޓުވާށެވެ. އޭނާ އެގޮތާއި އިދިކޮޅުހެދިނަމަ އޭނާ ވާނީ ޝައިޠާނަކަށެވެ. އޭނާ ހުއްޓުވުމަށް ބާރުގެ ބޭނުން ކުރާށެވެ." (މިފަދަ ޙާލަތުގައި އެ ނަމާދު ކުރަން ހުރި މީހާއަށް، އޭނާގެ ނަމާދު ބާޠިލުވުމަކާއި ނުލާ، ކުރިކަނޑާ ދާން އުޅުނުމީހާ ކޮއްޕާވެސް ލެވިދާނެކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.)
(ސުތުރާއަކީ ތިމާ ސަޖިދަކުރާއިރު ނިތްކުރި ޖެހޭ ހިސާބަށްވުރެ ކުޑަތަންކޮޅެއް ކުރީގައިވާ ހުރަހެކެވެ. މިސާލަކަށް - މިސްކިތުގެ ފާރެއް، ތަނބެއް ނުވަތަ ތަޅަންމަތީގައި ބާއްވާފައިވާ އެއްޗެކެވެ.)
ނަމާދަށް ހުރެގެން ފަރާތް ފަރާތަށް އެނބުރި ބަލާހަދާނަމަ އެއީ އެމީހެއްގެ ނަމާދުން ޝައިޠާނާ ވައްކަންކޮއްފިކަމުގެ ހެއްކެއް ކަމުގައި ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިއަހުން ޢާއިޝާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ. މާނައަކީ އެފަދަ ޢަމަލުތަކަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަންތައްތަކެވެ. އަދި މި ފަދަ ޢަމަލުތަކުގެ ސަބަބުން ތިމާގެ ނަމާދުން ލިބޭ ޘަވާބުން ބައެއް އުނިވެގެންދެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ނަމާދަށް ހުރެ ނަމާދުންބޭރު ޙަރަކާތްތަކެއް މާގިނައިން ކުރާނަމަ ނަމާދު ބާޠިލު ވާނެއެވެ.
ނަމާދުކޮށް އަވަދިވުމުން (ސަލާމް ދިނުމުން) އެކިއެކި ދުޢާތަކާއި، ޛިކުރުތައް ކިޔުމުގައި އަޅުގަނޑުމެން ވަގުތުކޮޅެއް ހޭދަކުރަމުއެވެ. ދުޢާ ކުރާއިރު ޤިބްލައަށް ކުރިމަތިލުމާއި، މަޑުމައިތިރިވުމާއި، މާތްﷲގެ ކިބަފުޅަށް ހިތްނިޔަތް ޚަލާޞް ކުރުމަކީ ދުޢާކުރުމުގެ ޢަދަބުތަކުގެ ތެރޭން ހިމެނޭ ކަންކަމެވެ. ބައެއް މީހުން ދެކޭގޮތުގައި ދުޢާ ކުރުމަކީ ހަމައެކަނި ބަސްތަކެއް ދުލުން ކިޔުމެވެ. ދުލުން ދުޢާ ކިޔަމުން ލޮލުން އެހެން މީހުން ކުރާ ކަންތައްތަކަށް ބެލުމުގައި އަވަދިނެތި އުޅޭމަންޒަކީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މިކަމުގައި ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުން ޚާއްސަވެގެންވެއެވެ. ބައެއް މީހުން މިގޮތަށް ޢަމަލުކުރަނީ އަނެކުން ނަމާދަށް ހުންނައިރު އެމީހުންގެ މޫނާއި ޙަރަކާތްތަކަށް ކަޅިޖަހާނުލާ ބަލަން އިނަސް ނަމާދު ކުރަންހުރި މީހާއަށް ތިމާ ބަލާކަން ނޭނގޭނެކަމުގައި ހީކޮށެވެ. އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ވިސްނަވާލެއްވުން ހުއްޓެވެ. މިސާލަކަށް އަޅުގަނޑު މިއިނީ އަޅުގަނޑަށް ކުރެވިފައިވާ ފަފާތައް ފުއްސެވުމަށް އެދި ދުޢާކުރާށެވެ. އެހެންކަމަށްވާނަމަ އަޅުގަނޑު އެވަގުތު އިނުން ރަނގަޅީ އަޅުގަނޑުގެ ފުރަގަހުގައި ނަމާދު ކުރަންހުރި މީހާއާއި ދިމާއަށް އެނބުރި އޭނާގެ މޫނަށް ބަލަންހެއްޔެވެ؟ ނުވަތަ އަޅުގަނޑަށް ކުރެވިފައިވީ ފާފަތަކާ މެދު ދެރަވެ، އިސްޖެހި، ﷲގެ ކިބަފުޅަށް ބިރުވެތިވެ، މަޑުމޮޅިކަން މަތީގައި ހެއްޔެވެ؟
ނަމާދަށް ހުރެ ގަސްދުގައި ހުނުމަކީ ކަނޑައެޅިގެން ނަމާދު ބާޠިލުވާނޭ ކަމެކެވެ. އެއްކުއްޖަކު އަނެއްކުއްޖަކު ގައިގާ ޖެހުން، ކޮއްޓާލުން ފަދަ ނަމާދުންބޭރު ޢަމަލުތައް ކުރާނަމަ އެގޮތަށް ނަމާދު ކުރަން މިސްކިތަށް އައުމަށްވުރެ ނައުންވެސް މާ ރަނގަޅެވެ. އެހެނީ އެއިރުން އެހެންމީހުން ޙުޝޫޢަތްތެރިވުމަކަށް އޭނާގެ ޢަމަލުތަކުން ހުރަހެއްނޭޅޭނެއެވެ. (ޙުޝޫޢަތްތެރިވުމަކީ މާތްﷲ އަށް ބިރުވެތިވުމާއި، ކިޔަމަންތެރިވުމާއި، ނަމާދުގައި މަޑުމޮޅިވުމެވެ.)
މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ސޫރަތުލް މާޢޫންގެ 4ވަނަ އަދި 5ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގާވެއެވެ. " ފަހެ، އެބައިމީހުންގެ، ނަމާދާއިމެދު ޣާފިލުވެ، ހަނދާންނައްތައިލައިގެން ތިބެ ނަމާދުކުރާ މީހުންނަށް ނަރަކައިގެ ގަދަފަދަ އަޒާބު ހުއްޓެވެ." ނަމާދަށް ތިބެ ހީނ ސަކަރާތްޖަހާ ހަދާނަމަ އެތިބެވެނީ ތިމަންމެން މިތިބީ ނަމާދަށްކަން ހަނދާންނައްތާލާ، ޣާފިލުވެވިފައެވެ. އަދި ކިއެއްތަ؟ އެފަދަ ޢަމަލުތަކަކީ ކަނޑައެޅިގެން ޝައިޠާނާގެ ޢަމަލުތަކެކެވެ.
މީހަކު ހަދިޔާއެއް ދިނުމުން އެއަށް ކުޅުޖަހާ އެއްލާލާނީ ތިޔައިގެ ތެރޭން ކާކުހެއްޔެވެ؟ ފަރުޟު ފަސް ނަމާދަކީ ﷲގެ ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްރާއާއި މިޢްރާޖްގެ ދަތުރުފުޅުން އެނބުރިވަޑައިގެންނެވި އިރު ހުރިހާ މުސްލިމުންނަށް ގެންނެވި އަގުމާތްވީ ހަދިޔާއެކެވެ. މި ހަދިޔާއަށް އިހާނެތިކޮށް ހިތުން ހެޔޮވެގެން ވާނޭތޯއެވެ؟ މީގެ ކުރިން މިކަންކަމާއިމެދު ވިސްނާލެވިފައި ވޭތޯއެވެ؟ ވިސްނާލެވިފައި ނުވާނަމަ ވިސްނުން ހިންގަވާށެވެ. ދިންނަވާ ނަސީބު ލިބުމުގެ މަގަށް ރުޖޫޢަވާށެވެ. ފަރުޟު ފަސް ނަމާދު އެންމެ ފުރިހަމަ ގޮތުގައި ޙުޝޫޢަތްތެރިކަމާއިއެކު ކުރެއްވުން އާދަކުރަށްވާށެވެ. ފިރިހެނުންނަމަ ފަރުޟު ފަސް ނަމާދު ޖަމާޢަތުގައި އަދާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާށެވެ. 1 ރުފިޔާގެ ބަދަލުގައި 27 ރުފިޔާ ބޭނުން ނުވާނީ ތިޔައިގެ ތެރޭން ކޮންބޭފުޅެއްތޯއެވެ؟
٢٠١٠-١٠-٠٦
ނިކަމެތިކަމާއިމަޑުމޮޅިކަމާއެކު ﷲ އައް ބިރުވެތިވާށެވެ....
ޝާއިރުކުރީ غير معرف ގަޑި ٢٢:٥٠
0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ